Sunday, July 26, 2015

 ނުދެއްވާނުތޯއޭ އެދޭމާފު މަންމާ


ލިޔުއްވީ: އަލް އުޚްތު ތަސްނީމް ޢަލީ

 
story“މަންމާ. ބޭބެ ރޮނީ. މަންމާއޭ ކިޔާފަ އެބަ ގޮވާ” ޝަދާން އޭނަގެ ބޭބެ ކޮޓަރީގައި އޮވެގެން ރޯތީ މަންމަޔަށް ގޮވާލާފާ ބުންޏެވެ.
ފަހާފޮށި ކައިރީގައި އިން ޝަމީލާ މި އަޑަށް ސަމާލުވުމެއްނެތި އޭނަ ކުރާމަސައްކަތް ކުރަމުން ދެއެވެ.
ޢީދުދުވަހަށް ނިންމަން ވެފައި ގިނަ ހެދުންތަކެއް ހުރުމުން އޭނަ އުޅެނީ މި މަސައްކަތުގައި ވަރަށް އަވަދި ނެތި އެވެ.
ދެވަނަ ފަހަރަށް ޝަދާން އައިސް މަންމަ ގާތު ބުންޏެވެ.
“މަންމާ. ޔާސީން ބޭބެ ހަމަ ރޮނީ. މަންމަ އަންނާށޭ ބުނީ”  ޢުމުރުން 7 އަހަރުގެ ޝަދާން އޭނަގެ ބޭބެ ރޯތީ ކަންބޮޑުވެގެން އައިސް ދެވަނަ ފަހަރަށްވެސް ބުންޏެވެ.
“ދަރިފުޅާ ޝަދާން! މަންމަތަ އަދިވެސް ދާންވީ. ބޭބެ ރޯތީ ދަރިފުޅު ކަންބޮޑުވެގެން ތި އުޅޭއިރު ދަރިފުޅަށް އެނގޭތަ މަންމަ އެ ބޭބެއަށްޓަކައި ރުއީ ކިތައް ރޭ ކަން. ނުނިދާ ހުރީ ކިތައް ރޭކަން. އެހެންވީމަ ބޭބެ ރޯން ބާއްވާ.” އިސް އުފުލާ ބަލާވެސް ނުލާ ޝަދާން އާއި ޔާސީންގެ މަންމަ ޝަމީލާ ހެދުން ފެހުމާއިގެން ކުރިއަށް ދިޔައެވެ.
އެވަގުތު ޝަމީލާގެ ރައްޓެހި ޢަނީޤާ އެގެއަށް ވަނެވެ. އަދި ޝަދާން މާފާޑަކަށް ހުރީ ކީއްވެގެންތޯ ސުވާލު ކުރިއެވެ. ޖަވާބުގައި ޝަމީލާ ބުންޏެވެ. “އެއީ އޭނަގެ ބޭބެ ރޯތީ”
ޔާސީން ރޮނީ ކީއްވެގެންތޯ ސުވާލުކުރުމުން ޝަމީލާ ބުންޏެވެ. “އަހަންނަކަށް ނޭނގެ. ޢަނީޤާއަށްވެސް އެނގޭނެ އޭނަ ވިޔާނުދާކޮށް ރަށުތެރޭގައި އުޅޭތީ އަހަރެން ދޭ ނަސޭޙަތް. އަހަރެން ރޯ ރުއިން. ބައްޕަގެ އަޅާލުމެއް ނުލިބި ބުރަ މަސައްކަތުން މިދެކުދިން ބަލާ ބޮޑުކުރާއިރު ޔާސީން ހަމަ އެއްވެސް އެއްޗެކޭ ހިތަކަށް ނާރާ. އޭނަގެ ޢުމުރުން އަދި ކިރިޔާ މިވީ ތޭރަ އަހަރު. އެކަމަކު އޭނަ ގައިގެ އެތަންމިތަން ތޮރުފައިގެން ބޯދިގުކޮށް ފާޑުފާޑުގެ ބޮޅު އަޅުވައިގެން ބޭރުގައި އުޅޭއިރު މިހިތަށް ފަހެ އަސަރު ނުކުރާނެތަ؟
އަހަރެން އަބަދު ބޭރުގައި އުޅެން ޖެހިފައި މި ވަނީ މިކުދިންނަށް ބޭނުންވާ އެއްޗެހި ހޯދަން ފައިސާ ހޯދަން. ގެއިން ބޭރަށް ދަނީ ބޭރަށް ނުދާށޭ ކިޔާފަ އެތައް ނަސޭޙަތެއް ދީފައި. އެކަމަކު ޔާސީން އެގޮތަށް އުޅޭތީ….. އަހަރެންގެ ހިތުގައި …….. ހާދަ ޖެހެޔޭ. ހާދަ އަސަރެއް ކުރެޔޭ…” ރޮމުން ޝަމީލާ ވާހަކަ ދައްކަމުން ކުރިއަށް ދިޔައެވެ.
ޢަނީޤާއަކީ ޝަމީލާގެ އެންމެގާތް ރަޙްމަތްތެރިޔާއެވެ. އޭނަ މިކަމުގައި ކުރާ ފިކުރު ވަރަށް ރަނގަޅަށް ޢަނީޤާއަށް އެނގެއެވެ. ޢަނީޤާވެސް ޔާސީންއަށް ނަސޭޙަތް ދެއެވެ. އެކަމަކު ހަމަ ޝަމީލާ ބޭރަށް ދާއިރަށް ބޭރަށް ދާކަންވެސް އެނގެއެވެ.
ޢަނީޤާ ހިތައް އެރިއެވެ. “އެކަމަކު ޔާސީން މިއަދު ގޭގައި އެ އޮތީ ކީއްވެގެންބާ؟؟ ރޮނީ ކީއްވެގެންބާ؟؟ ކޮންމެވެސް ތަފާތު ކަމެއް ދިމާވެއްޖެކަން ޔަޤީން.”
މިހެން ހިތަށް އަރާ ޢަނީޤާ ދިޔައީ ޔާސީން އޮތް ކޮޓަރިއަށެވެ. އޭރުވެސް ޔާސީން ރޮނީއެވެ. ޝަދާންވެސް ރޮނީއެވެ.
ޔާސީންގެ ކޮޓަރިއަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. ޔާސީންގެ ފައިން ލޭ އަންނަނީ އެވެ.
ބަނދެފައިވާ ފޮތިގަނޑުން އަސަރެއް ނުކުރެއެވެ. ޔާސީން އޮތީ ލޯމެރިފައެވެ. ގޮވާގޮވާ އަނގަޔަކުން ނުބުނެއެވެ. ޢަނީޤާ ބަލާލިއިރު ވިންދު ހުއްޓެވެ. ޔާސީންގެ ކަރުގައާއި އަތުގައި އަޅާފައި ހުރި ފާޑުފާޑުގެ ފަށްތަކެއްވެސް ނެތެވެ.
ވަގުތުން ޢަނީޤާ ޝަމީލާއަށް ގޮވިއެވެ. އަދި އެމްބިއުލާންސަށް ގުޅައިގެން ޝަމީލާ ޔާސީން ހޮސްޕިޓަލަށް ގެންގޮސް އަވަސްފަރުވާ ދޭ ކޮޓަރިއަށް ވެއްދިއެވެ. އަދި ޢަނީޤާޝަދާން ގޮވައިގެން ދިޔައީ ޢަނީޤާގެ ގެއަށެވެ.
ފަރުވާދެމުން ދަނިކޮށް ޔާސީން ހޭ އަރައިފިއެވެ. ޑޮކްޓަރ ބުނީ މާބޮޑުކަމެއް ނުވާކަމުގައެވެ. އެކަމަކު ޔާސީންގެ ފައިގެ ކުޑަކަޅުވާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފަރުވާދޭން ދެތިންދުވަހު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދޭން ބޭނުންވާކަމުގައެވެ. ޔާސީން ބުނިގޮތުގައި އެއީ އޭނައަށް ބަޔަކު ދިން އަނިޔާއެކެވެ. އެތަންވަނީ ތޫނުއެއްޗަކުން ވަރަށް ފުންކޮށް ޒަޚަމް ކޮށްފައެވެ. ޝަމީލާ ހުރީ ޙައިރާންކަމެއްގެ ތެރޭގައެވެ.
ޑޮކްޓަރ ކަންތައް ކުރަން ޖެހޭގޮތުގެ އިރުޝާދު ދިނުމަށްފަހު ހިނގާދިޔަ ޙާދިސާގެ ތަފްޞީލު ރަނގަޅަށް ހޯދަން ބުނެ ހިނގައްޖެއެވެ.
މިހާރު އެކޮޓަރީގައި ތިބީ ޔާސީންއާއި އޭނަގެ މަންމައެވެ. މަންމަ ޔާސީންގެ މޫނަށް ބަލާލިއެވެ. ސުވާލުގެ ނަޒަރަކުންނެވެ. ޔާސީންވެސް މަންމަޔަށް ބަލާލިއެވެ. އަދި ލޯމަރާލިއެވެ.
އަދި އިރުކޮޅަކުން ޔާސީންގެ ޖީބުން ފަށްޖަހާފައިވާ ކަރުދާސްގަނޑެއް ނަގާ މަންމައަތަށް ދީފައި އަނެއްކާވެސް ލޯމަރާލިއެވެ.
މަންމަ ކަރުދާސްގަނޑު ބަލާލިއެވެ. އަދި ލޯބިވާ މަންމައަށް ލިޔެފައި އޮތުމުން ހަމަޖެހިގެން އިނދެ ކިޔަންފެށިއެވެ.
“ލޯބިވާ މަންމާއެވެ! އަޅުގަނޑަށް ގޯސްކޮށް އުޅެވުނުކަމުގައި ޤަބޫލުކުރަމެވެ. މަންމަ އަޅުގަނޑާއި ކޮއްކޮދެކެ ވާ ލޯބިވެސް އެނގެއެވެ. މަންމަ އަޅުގަނޑާމެދު ފިކުރުކޮށް ރޯކަންވެސް އެނގެއެވެ. އެހެންނަމަވެސް ރައްޓެހިންގެ ބަހަށް ހެއްލެވުނީއެވެ. މަންމާއެވެ! އެމީހުން ނުބައި ނަސޭޙަތްދޭން ވަރަށް މޮޅެވެ. އެކަމަކު މަންމާއެވެ. އަޅުގަނޑު އެމީހުންނާއެކު އުޅުނަސް ނުކުރަން ޢަޒުމު ކަނޑައަޅާފައި އޮންނަ އެއް ކަމެއް އޮވެއެވެ. އެއީ ސިގިރެޓް ނުބުއިމެވެ.
އަޅުގަނޑުގެ ރައްޓެހިން އަޅުގަނޑާމެދު ނަފްރަތުވެ އަނިޔާކޮށްފައި އެ ގްރޫޕުން ބޭރުކޮށްލީ އަޅުގަނޑު ސިގިރޭޓް ނުބުއީމައެވެ. އެމީހުން އަހަންނަށް އަނިޔާކުރީ ރަނޑު އަންހެނެކޭ ކިޔާފައެވެ. މަންމާއެވެ! އެވަރު ވީ އިރުވެސް އަޅުގަނޑުގެ ޢަޒުމު ގުޑުވާނުލީމެވެ. މަރާލިޔަސް ތިކަމެއް ނުކުރާނަމޭ ބުނީމެވެ. އެހެންބުނުމުން އެމީހުން އަހަރެން އެ ގްރޫޕުން ނެރެ ފޮނުވާލިއެވެ. އެވަގުތު އަހަރެން ރޮމުން ގެއަށް އައީމެވެ. އަދި މަންމަގެ ނަސޭޙަތްތަކުގެ މަތިން ހަނދާންވިއެވެ. ގެއަށްއައިސް މަންމައަށް ގޮވަން ހިތަށް އެރިއެވެ. ހޮސްޕިޓަލަށްވެސް އެކަނި ދާކަށް ނުކެރުނެވެ. ހެނދުނު މަންމަ ގާތަށް ދާން ބޭނުންވިއެވެ. މަންމަގެ އުނގުގާ ބޯއަޅައިގެން އޮވެ ރޯން ބޭނުންވިއެވެ. އެކަމަކު ފައިގައި ރިއްސާވަރުންނާއި ލަދުން ދާން ނުކެރުނީއެވެ.
މިޙާދިސާ ހިނގީ ރޭގައެވެ. މަންމާއެވެ. އަޅުގަނޑު މިހާރު ދެރަވެއެވެ. އިންތިހާއަށް ދެރަވެއެވެ.
ނުބައި އެކުވެރިންނާ އެކު އުޅުވުނީތީ ދެރަވެއެވެ. މަންމަ ގޭގައި ނޫޅޭވަގުތު ކޮއްކޮ އެކަނިކޮށްފައި ބޭރަށްގޮސް މަގުމަތީގައި ސަކަރާތް ޖެހުނީތީ ދެރަ ވެއެވެ. ސްކޫލަށް ދިއުމުގައި ފަރުވާ ކުޑަކުރެވުނީތީ ދެރަވެއެވެ. ނަމާދަށް ފަރުވާކުޑަކުރެވުނީތީ ދެރަވެއެވެ. އަޅުގަނޑަށް މާފު ކުރާށެވެ. މަންމާއެވެ. ލޯބިވާ މަންމާއެވެ. މަޢާފު ކުރާށެވެ.
ނުދެއްވާނުތޯއޭ އެދޭމާފު މަންމާ
  ހިނދެއްގާ ނުސީދާ ވެވޭކަންތަކަށް މާ
   ސިޔާސަވެ އުޅުނުހާ ދުވަސް ވޭތުވެއްޖޭ
     ނުބައިގޮތް އެހުރި އެކުވެރިން ދޫވެވިއްޖޭ
        އަވަސްވެވިއައީ ލަދުވަތައިގެންނެ މަންމާ
           ހިނދެއްގާ ނުސީދާ ވެވޭ ކަންތަކަށް މާ
ނޯޓް ކިޔާ ނިމުނު އިރު މަންމަ ހުރީ ފެންކަޅިވެފައެވެ. އެއީ އުފާވެރި ކަމުގެ ކަރުނަ ބާވައެވެ. ނުވަތަ ހިތާމައިގެ ކަރުނަ ބާވައެވެ. އެކަމަކު… މިހާރު ހިތާމަކުރަންވީ ކޮންކަމަކާ ހެއްޔެވެ. އޭނަގެ ދަރިފުޅު އެނބުރި އައީ އެވެ. ދެން އޮތީ އަވަހަށް ދަރިފުޅަށް މަޢާފް ކުރުމެވެ.
ޝަމީލާ ޔާސީން ގާތަށް ދިޔައެވެ. އޭރު ޔާސީންވެސް ރޮނީ އެވެ. ޝަމީލާ ލޯބިން ބުންޏެވެ. ލޯބިވާ ދަރިފުޅާއެވެ. ނުރޯށެވެ. ދަރިފުޅަށް މަޢާފް ކޮށްފީމެވެ. ދަރިފުޅުގެ ހިތްވަރުގަދަކަމަށްޓަކައި އުފާކުރަމެވެ.
އެވަގުތު އެ ވާރޑްތެރެއަށް ޢަނީޤާއާއި ޝަދާން އައިސް ވަނެވެ.
އަދި ޔާސީން އާއި އޭނަގެ މަންމަގެ މޫނުމަތީގެ އުފާވެރިކަން ފެނިފައި ހިނިތުންވެލިއެވެ. ޝަދާންކޮއްކޮ ބޭބެގެ ގައިގާ ބައްދާލިއެވެ.
ޝަމީލާ ޢަނީޤާއަށް ޔާސީންގެ ނޯޓް ދިނެވެ. ޢަނީޤާ އެ ނޯޓް ކިޔާލުމަށްފަހު ބުންޏެވެ. “ދަރިފުޅު ސަލާމަތް ކުރެއްވި ﷲއަށް ޙަމްދު ކުރަން. ދަރިފުޅާ، ހިތްވަރާއި ޢަޒުމާއެކު މުސްތަޤުބަލު ރަނގަޅުކޮށްލާ. ދަރިފުޅުގެ މަންމަ ދަރިފުޅަށް މަޢާފް ކޮށްފި.”
ހޮސްޕިޓަލުން ނިކުމެގެން ދިޔައީ މުޅިން ބަދަލުވެފައިވާ ޔާސީން އެކެވެ. މަންމަގެ ބަސްއަހާ ޔާސީން އެވެ. ގެއަށް ދިއުމަށްޓަކައި އާ އުއްމީދަކާއެކު ތިން މައިން ކާރަށް އެރިއިރު ޢަނީޤާވެސް ހުރީ އުފަލުންނެވެ.
ޔާސީން ހޮސްޕިޓަލުން ގެއަށްދިޔައީ އޭނަގެ މަންމަޔާއި ކޮއްކޮއާއެކު އާ އުއްމީދުތަކާ ޔަޤީންކަން ދެމުން އުފަލުންނެވެ.

No comments:

Post a Comment