Sunday, July 26, 2015

އަދި އެމީހުންނަށް އެނގޭ ނަމަ… 1

 
اليوم-وبعد-ثلاث-سنوات-من-وضع-حجر-الأساس-افتتاح-مسجد-الشيخ-خليفة-في-كازاخستان
عن أبي هريرةرضي الله عنه أن رسول الله صلى الله عليه وسلم قال )  لَوْ يعْلمُ النَّاسُ مَا في النِّداءِ والصَّفِّ الأَولِ ثُمَّ لَمْ يَجِدُوا إِلاَّ أَنْ يسْتَهِموا علَيهِ لاسْتهموا علَيْهِ، ولوْ يعْلَمُونَ مَا فِي التَّهْجِير لاسْتبَقوا إَليْهِ، ولَوْ يعْلَمُون مَا فِي العَتَمَةِ والصُّبْحِ لأتوهمُا ولَوْ حبوًا(   متفق عليه.
ހަދީސްގެ ޖުމްލަ މާނަ: އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވިއެވެ. (( ބަންގިއާއި ފުރަތަމަ ސަފުގެ މަތިވެރިކަމާއި ސަވާބު މީސްތަކުންނަށް އެނގޭނަމަ، އެކަން ޙާސިލްކުރުމަށްޓަކައި ( މީސްތަކުން ވާދަކުރުމުގެ ސަބަބުން ) ޤުރުއަތުލުން ނޫންގޮތެއް ނެތުމުގެ ސަބަބުން، އެކަން ޙާސިލްވާ މީހުން ކަނޑައެޅުމަށްޓަކައި ޤުރުއަތު ލާނެތެވެ. އަދި ނަމާދަށް އަވަސްވެގަތުމުގެ ހެޔޮކަން އެނގޭނަމަ އެކަން ހާސިލްކުރުމަށް އެމީހުން އަވަސްވެގަތީހެވެ. އަދި ޢިޝާ ނަމާދާއި ފަތިސްނަމާދުގައިވާ ހެޔޮކަން އެނގޭ ނަމަ އެމީހުން އެ ދެނަމާދަށް، ފިރުކިފައިވެސް އަންނާނެތެވެ. )) متفق عليه
ހެޔޮ ޢަމަލުތައް ކުރުމުގައި އަވަސްވެގަތުމާއި އެކަމުގައި ވާދަކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިއްވަރު ދެއްވާފައިވާ މި މަތިވެރި ޙަދީސްގައި، އެކަޅޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައިގަނޑު ހަތަރު ކަމެއްގެ ވާހަކަ އުއްމަތަށް ބަޔާންކޮށްދެއްވާފައި ވެއެވެ. އެއީ ބަންގިއާއި ފުރަތަމަ ސަފާއި ނަމާދަށް އަވަސްވެގަތުމާއި ފަތިސްނަމާދާއި ޢިޝާނަމާދުގެ މަތިވެރި ކަމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅު :)  لَوْ يعْلمُ النَّاسُ مَا في النِّداءِ والصَّفِّ الأَولِ ثُمَّ لَمْ يَجِدُوا إِلاَّ أَنْ يسْتَهِموا علَيهِ لاسْتهموا علَيْهِ ) (( ބަންގިއާއި ފުރަތަމަ ސަފުގެ މަތިވެރިކަމާއި ސަވާބު މީސްތަކުންނަށް އެނގޭނަމަ، އެކަން ޙަސިލްކުރުމަށްޓަކައި ( މީސްތަކުން ވާދަކުރުމުގެ ސަބަބުން ) ޤުރުއަތުލުން ނޫންގޮތެއް ނެތުމުގެ ސަބަބުން، އެކަން ޙާސިލްވާ މީހުން ކަނޑައެޅުމަށްޓަކައި ޤުރުއަތު ލާނެތެވެ. )
(( النِّداءِ )) އަކީ ބަންގިއެވެ.
(( الِاسْتِهَامُ )) އަކީ ގުރުއަތުލުމެވެ.
(( އެބަހީ، ﷲ ތަޢާލާގެ ހަޟްރަތުގައި ބަންގިއަށް ދެވިފައިވާ ޤަދަރާއި ބަންގީގެ މާތްކަމާ އޭގެ ސަވާބުގެ މަތިވެރިކަން މީސްތަކުންނަށް އެނގޭނަމަ، ( ބަންގި ގޮވަން ބޭނުންވާ މީސްތަކުން ގިނަވެ، އެކަން ކުރާނެ މީހަކު ކަނޑަނޭޅި ލަސްވެ) ބަންގި ގޮވާ ވަގުތު ކުޑަތަންވަމުންދާތީ ނުވަތަ މިސްކިތެއްގައި ބަންގި ގޮވާ މީހަކީ އެއްމެ މީހެއްކަމުގައި ވުމުގެ ސަބަބުން، އެކަމުގެ ހެޔޮކަމާއި މަތިވެރި ސަވާބު ލިބިގަންނާނެ މީހަކު ކަނޑަ އެޅޭނެ ހަމައެކަނި މަގަކީ، އެކަމަށް ބޭނުންވާ މީހުންގެ މެދުގައި ގުރުއަތުލުން ކަމުގައި ވާތީ، އެމީހުން އެކަން ހާސިލްކުރުމަށް ގުރުއަތުލާނެތެވެ. އަދި ފުރަތަމަ ސަފުގެ ހެޔޮކަމާއި ސަވާބު އެބައިމީހުންނަށް އެނގޭނަމަ އިސްވެ ބަޔާންކުރެވުނު ފަދައިން އެމީހުން ކަންތައްކުރާނެތެވެ. އަދި ފުރަތަމަ ސަފުން ޖާގައެއް ހޯދުމަށްޓަކައި މީސްތަކުން އެކީއެކަށްޗަކަށް އުޅެގަތުމުގެ ސަބަބުން، ސަފުގައި ޖާގަ ދަތިވެ، އެކަކު އަނެކަމަށް ޖާގަ ދޭން ބޭނުން ނުވުމުގެ ސަބަބުން އެމީހުން އެކަމަށް ގުރުއަތު ލާނެތެވެ. އަދި މީގެ އިތުރުންވެސް، އެ ހައްޤުތަކެއް ( ހޯދުމަށްޓަކައި) ޖަމާވާ މީސްތަކުން ގިނަވެ، ދެބަސްވުން އުފެދޭ ހައްޤު ތަކުގައި ގުރުއަތު ލެވޭނެކަން މިޙަދީސުން ސާބިތުވެއެވެ. )) – الإمام النووي – رحمه الله –  في  شرح صحيح مسلم –
ލޮބުވެތި އަޚުންނޭވެ! ބަންގިއާއި ފުރަތަމަ ސަފުގެ  މާތްކަމެއް އެއްމެ ފުރިހަމަ ގޮތުގައެއް އަޅުގަނޑުމެންނަކަށް ނޭންގެއެވެ. އަޅުގަނޑުމެންނަށް ނޭންގުނު ނަމަވެސް، އަޅުގަނޑުމެންނަށް އެކަން އެނގޭނެނަމަ އަޅުގަނޑުމެންގެ ޢަމަލުތައް ހުންނާނެ ގޮތް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަގުހުރި މި ބަސްފުޅުގައި މިވަނީ ބަޔާން ކޮށްދެއްވާފައެވެ. އެހެންކަމުން މިދެކަމުގައިވާ ސަވާބާއި އަޖުރު ކިހާ މަތިވެރި ވާނެތޯއެވެ؟  ލޮބުވެތި އަޚުންނޭވެ!  ހެޔޮކަން ކަމުގައި ވާދަކުރާށެވެ. އަދި ކުރި އަރައިދާށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅު  (( ولوْ يعْلَمُونَ مَا فِي التَّهْجِير لاسْتبَقوا إَليْهِ )) މާނަ (( އަދި ނަމާދަށް އަވަސްވެގަތުމުގައިވާ ހެޔޮކަން އެނގޭނަމަ އެކަން ހާސިލްކުރުމަށް އެމީހުން އަވަސްވެގަތީހެވެ. ))
((التَّهْجِير )) އަކީ (( التَّبْكِيرُ إِلَى الصَّلَاةِ أَيِّ صَلَاةٍ كَانَتْ )) – الإمام النووي – رحمه الله –  في  شرح صحيح مسلم – މާނައަކީ : (( ނަމާދު  އަދާކުރުމަށް އަވަސްވެގަތުވެ. އެއީ ކޮންމެ ނަމާދެއްވިޔަސް މެއެވެ. ))
ނަމާދަށް އަވަސްވެގަތުމުގެ ބައެއް ފައިދާ:
1 – ނަމާދުގެ އިންތިޒާރުގައި ހުންނަ މީހާ، ނަމާދުގެ އިންތިޒާރުގައި ހުންނަހާ ހިނދަކު އެހުނންނަނީ ނަމާދުގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަަމަ ޙަދީޘްކުރައްވާފައި ވެއެވެ. (( ތިޔަބައިމީހުންގެ ތެރެއިން މީހަކު ހަމައެކަނި ނަމާދަށްޓަކައި އިންތިޒާރުގައި ހުންނަހާ ހިނދަކު އޭނާ އެވަނީ ނަމާދުގައެވެ. އޭނާގެ އަހުލުވެރިންގެ ގާތަށް އެނބުރި ދިޔުން، މަނާކުރަނީ ނަމާދު ފިޔަވައި އެހެން ކަމެއް ނޫނެވެ. )) – متفق عليه –
2 –  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( އެކަމަކުން ތިޔަބައިމީހުންގެ ފާފަތައް ފުހެވިގެެންދާ އަދި ދަރަޖަތަކަކަށް ތިޔަބައިމީހުން އުފުލިގެންދާ ކަމަކަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް މަގުދައްކަވަދެއްްވަން ހެއްޔެވެ! )) ސަހާބީން ދެއްނެވިއެވެ. އާނ އެކެވެ. ﷲގެ ރަސޫލާއެވެ. ދެން އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ((  ނަފްސު ނުރުހުންތެރިވާ ދަތި އުނދަގޫ ހާލަތްތަކުގައި ( އެބަހީ ގަދަ ފިނީގައާއި އަދި ހަށިގަނޑުގައި ތަދު އިޙްސާސްވުންފަދަ ހާލަތްތަކުގައި  )  ފުރިހަމަ ގޮތުގައި ވުޟޫކޮށްގެން ( މިސްކިތާއި ގެ ދުރުވުމުގެ ސަބަބުން ) މިސްކިތަށް އައުމަށް އަޅާ ފިޔަވަޅު ގިނަކޮށް، އެއްނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ. ރިބާޠަކީ އެއީ އެވެ. ( ރިބާޠުގެ އަސްލަކީ ކަމެއްގައި ބަންދުވެ ހައްޔަރުވެ ހުރުމެވެ. އޭނާގެ މި މާތް އަޅުކަމަށްޓަކައި ކިޔަމަންތެރިކަންމަތީގައި ނަފްސު ބަންދުކޮށްލާ ފަދައެވެ. ) – رواه مسلم –
3 – ނަމާދަށް އަވަސްވެ ގަންނަ މީހާއަށް އިމާމާއާއި އެކު ތަކްބީރަތުލް އިޙްރާމް ހާސިލްވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( އިމާމްމީހާއެކު ފުރަތަމަ ތަކްބީރު ލިބޭގޮތަށް މީހަކު ޖަމާޢަތުގައި ސާޅީސް ދުވަސް ވަންދެއް ނަމާދުކޮށްފި މީހާއަށް ދެ ބަރީއަވުމެއް ލިޔެވެއެވެ. ނަރަކައިން ބަރީއަވުމާއި ނިފާޤުކަމުން ބަރީއަވުމެވެ. ))-  رواه الترمذي ، وحسنه الألباني -
4 – ނާމަދަށް އަވަސްވެގަންނަ މީހާއަށް ފުރަތަމަ ސަފު ހާސިލްކުރުމުގެ ފުރުސަތު ލިބެއެވެ. ފުރަތަމަ ސަފުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަ ކޮންމެވެސް މިންވަރަކަށް މި ލިޔުމުގެ ކުރީބައިގައި އިސްވެ ހިނގައްޖެއެވެ. އަދި އިމާމް ނަސާއީ އާއި އިބްނި މާޖާ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (( ހަމަކަށަވަރުން ﷲ އާއި މަލާއިކަތުން ފުރަތަމަ ސަފަށް ޞަލަވާތްލައްވައެވެ. )) – صححه الألباني -
މިއީ ނަމާދަށް އަވަސްވެގަތުމުގެ ބައެއް ފައިިދާއެވެ. އަދި މިނޫނަސް އަޖުރުގެ ގޮތުންނާއި އިޖްތިމާޢިގޮތުންވެސް ނަމާދުގެ ވަގުތުގައި ނަމާދު ފުރިހަމަގޮތުގައި އަދާކުރުމަށް މިސްކިތައް ހާޒިރުވުމުގައި ހުރި ފައިދާތައް ވަރަށް ގިނައެވެ. ހާސިލްކުރަން ފަސޭހަ ނަމަވެސް ގިނަ ބަޔަކު މަހްރޫމްވެފައިވާ މި މަތިވެރި ނިޢުމަތަށް އަވަސްވެގެންނަ ބައެއްކަމުގައި ﷲ ތަޢާލާ އަޅުގަނޑުމެން ލައްވާށި! އާމީން

No comments:

Post a Comment