Prophat Mohamed (SAW)

އަހަރެމެންގެ ނަބިއްޔާއަކީ އަހަރެމެންގެ ނަމޫނާއެވެ 2

 
alihihsalathwahsalam
  މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ(متفق عليه)(1)
ތަރުޖަމާޢީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު، ތިޔަބައިމީހުން މައިންބަފައިންނާއި އަދި ދަރިންނާއި އަދި ހުރިހާ މީސްތަކުންނަށްވުރެ ބޮޑަށް އެމީހެއްގެ ގާތުގައި އެންމެ ލޮބުވެތިވެގެންވާ މީހަކީ ތިމަންކަލޭގެފާނުކަމުގައި ވެއްޖައުމަށްދާންދެން  އެއްވެސް މީހަކު އީމާންވެގެންވީ ކަމުގައި ނުވެއެވެ.”
މިޙަދީޘްގެ މާނައާއި ބެހޭގޮތުން  ޢައްލާމާ އިބުނު ބާޒު ރަޙިމަހުﷲ  ޢަދި ޢައްލާމާ ބަކުރު ބިން އަބީ ޒައިދު ރަޙިމަހުﷲއަދި ޢައްލާމާ ފައުޒާން ވައްފަޤަހުﷲ ހިމެނި ވަޑައިގަންނަވާ ސަޢުދިޢަރަބިއްޔާގެ ފަތުވާކޮމިޓީއާއި ސުވާލުކުރެވުނެވެ. އެބޭކަލުން އެސުވާލުގެ ޖަވާބުގައި ދަންނަވާފައިއެވެ.
” އެޙަދީޘްގެ މުރާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިވުން އެހެނިހެން މީސްތަކުންނާއި އަދި އެމީހުންގެ ދަރިންނާއި އަދި މައިންބަފައިންގެ މައްޗަށް އިސްކުރުމެވެ. އެއީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމަށް ލޯބިކޮށް އެކަމަށް ފަރުވާތެރިވާހާލުގައެވެ. އަދި ހުރިހާކަމެއްގައި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ކަންކަމަށް ތަބާވުމެވެ.”
ވީމާ އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވެވޭނީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކޮށް އެކަލޭގެފާނުގެ ހިދާޔަތުގައި ހިފައި އެކަލޭގެފާނު ގެންނެވި ދީނަށް ނަޞްރުދީގެން ކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ.  އަދި ބިދުޢަތަކުން(ދީނުގެ ތެރޭގައި އަލަށް އުފެދޭ ކަންތައްތަކުން) ދުރުވެގަނެގެންނެވެ.
އަދިވެސް ޞަޙީޙް ބުޚާރީ ގައި އައިސްފައިވާ ޙަދީޘެއްގައި އައިސްފައިވެއެވެ.
(فَقَالَ لَهُ عُمَرُ يَا رَسُولَ اللَّهِ لَأَنْتَ أَحَبُّ إِلَيَّ مِنْ كُلِّ شَيْءٍ  إِلَّا مِنْ نَفْسِي،  فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  لَا وَالَّذِي نَفْسِي بِيَدِهِ حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ.  فَقَالَ لَهُ عُمَرُ : فَإِنَّهُ الْآنَ وَاللَّهِ لَأَنْتَ أَحَبُّ إِلَيَّ مِنْ نَفْسِي.  فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ: ( وَسَلَّمَ الْآنَ يَا عُمَرُ)) (2)
ތަރުޖަމާޢީ: ޢުމަރުބިން ޚައްތާބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲގަންދީފައި ބުނަމެވެ. ތިމަންކަލޭގެފާނުގެ  ނަފުސަށްފަހު ހުރިހާއެއްޗަކަށްވުރެ ކަލޭގެފާނުގެ ދެކެ ތިމަންނާ ލޯބިވަމެވެ. މާތްނަބިއްޔާޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (އޭ ޢުމަރެވެ. ނޫނެކެވެ. ކަލޭގެފާނުގެ ނަފުސަށްވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިވެއްޖައުމަށް ދާންދެނެއެވެ.) ދެން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިެއެވެ. ކަލޭގެފާނު ޙައްޤައިގެން ފޮނުއްވި އިލާހު ގަންދެއްވައި ބުނަމެވެ. މިހާރު ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ނަފުސަށްވުރެ ބޮޑަށް ކަލޭގެފާނު ލޯބިވެތިވެގެންވެއެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. އޭ ޢުމަރެވެ. މިހާރުއެވެ.  (މާތްނަބިއްޔާ އިޝާރާތް ކުރެއްވީ އީމާންކަން ފުރިހަމަވުމުގެ މައްޗަށެވެ.)
ވީމާ އަޅުގަނޑު އީމާންވާ ކަމުގައިވާނަމަ އަޅުގަނޑުމެން އެންމެލޯބިކުރާ ބޭކަލަކީ އެކަލޭގެފާނު ކަމުގައި ހަދަންޖެހެއެވެ. އަދި އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގައި ހިފައި އެހިދާޔަތަށް އަމަލުކުރަން ޖެހެއެވެ.
ނަބިއްޔާޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الْأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلَالَةٌ) (3)
މާނައީ “ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ ބަސްފުޅަކީ ﷲގެ ފޮތެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ ނުވަތަ މަގަކީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. (ހިދާޔަތެވެ.) އަދި އެންމެނުބައިވެގެންވާ ކަމަކީ އެޔަށް އިތުރުކުރެވޭ އަލަށް އުފެއްދޭ ކަންކަމެވެ. އަދި އަލަށްއުފެއްދޭ ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.

No comments:

Post a Comment