ދަތުރުފަތުރު ކުރުމުގެ އަދަބުތަކާއި ޙުކުމުތައް
مقدمة
الحمد لله رب العالمين والصلاة والسلام على رسول الله وعلى آله وصحبه ومن اهتدى بهداه .
އެކި އެކި މޫސުމީ ޗުއްޓީ ތަކުގައި މީސްތަކުން ކުރާ ދަތުރުތައް ވަރަށް ގިނަވެފައިވެއެވެ. އަދި އެދަތުރު ތަކުގެ ވައްތަރުތައްވެސް މިއަދު މިވަނީ ގިނަވެފައެވެ. އެއީ އަޅުކަމެއްގެ ގޮތުން ނުވަތަ ﷲ ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ ޙައްޖު ނުވަތަ ޢުމުރާގެ ދަތުރުތަކާއި، އެއްމެ މާތް ތިން މިސްކިތަށް ކުރާދަތުރުތަކާއި ޝަރުޢީ ޢިލްމު ހާސިލްކުރުމަށް ކުރާ ދަތުރުތަކާއި ނުވަތަ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ގާތްތިމާގެ މީހުންގެ ގާތަށް ކުރާ ދަތުރުތަކާއި އަދި ﷲ ގެ މަގަށް ދަޢުވަތު ދިނުމަށް ކުރެވޭ ދަތުރުތައް ފަދަ ދަތުރުތަކެވެ. އަދި ހުއްދަ ގޮތުގައި ކުރެވޭ ޕިކްނިކް ދަތުރުތަކާއި ވިޔަފާރީގެ ދަތުރުތައް ފަދަ ހުއްދަ ދަތުރުތަކެވެ. އަދި ޙަރާން އެއްޗެއް ވިއްކުމަށް ނުވަތަ ސިހުރުވެރިއެއްގެ ކައިރިއަށް އެހީހޯދަން ނުވަތަ މުންކަރާތަކަށް އަރައިގަތުމަށް ކުރެވޭ ދަތުރުތައް ފަދަ ޙަރާމް ދަތުރުތަކެވެ.
އެހެން ކަމުން ދަތުރުގެ އާއްމު މާނައަކީ، ދީނީ ނުވަތަ ދުނިޔެވީ ކޮންމެވެސް ބޭނުމަކަށްޓަކައި ތިމާ ދިރިއުޅޭ ތަނާއި ވަކިވުމެވެ.
ދަތުރުގެ ޙުކުމު : އެކަމަކަށްޓަކައި ދަތުރު ކުރަންފެށުނު ކަމެއްގެ ޙުކުމުގެ ސަބަބުން ފަހަރެއްގައި ދަތުރު ވާޖިބަކަށްވެސް ވެދާނެއެވެ. ނުވަތަ ހުއްދަ ކަމަކަށް ވެދާނެއެވެ. ނުވަތަ ޙަރާމް ކަމަކަށް ވެދާނެއެވެ. ނުވަތަ މަކްރޫހަ ކަމަކަށްވެސް ވެދާނެއެވެ.
ދަތުރުފަތުރު ކުރުގައި ވަރަށް ބައިވަރު އަދަބުތަކާއި ޙުކުމުތައް އެކުލެވިގެން ވެއެވެ. އެގޮތުން އޭގެތެރެއިން ބައެއް އަދަބުތަކާއި ޙުކުމުތައް މިފޮތުގައި ހިމަނައިލަމެވެ. ދުޢާ އަކީ އަޅުގަނޑުމެން އެންމެންނަށް ﷲ ތަޢާލާ
ދަތުރުފަތުރު ކުރުމުގެ ބައެއް ފައިދާތައް
ދަތުރުފަތުރު ކުރުމުގެ ފައިދާތައް ވަރަށް ގިނައެވެ. އޭގެތެރެއިން، ބައެއް ފައިދާތައް އަލްއިމާމް ޝާފިޢީ ރަޙިމަހުﷲ ގެ މި ބަސްފުޅުގައި ބަޔާން ކުރައްވާފައިވެއެވެ.
تَغَرَّب عَنِ الأَوطانِ في طَلَبِ العُلى وَسافِر فَفي الأَسفارِ خَمسُ فَوائِدِ
تَفَرُّيجُ هَمٍ وَاِكتِسـابُ مَعيشَـةٍ وَعِلمٌ وَآدابٌ وَصُحبَةُ ماجِـدِ
ކަންބޮޑުވުންތަކާއި ދަތި އުނދަގޫތަކުން ނުކުމެވުން : ބައެއް މީހުން މާ ގިނަ ދުވަހު ހުންނަ އެއްތަނެއްގައި ހުންނަން ޖެހުމުގެ ސަބަބުން މޮޅިވެރިކަމާއި ހާސްކަމާއި ހިތްހަމަ ނުޖެހުން ކުރިމަތިވެއެވެ. ޙަޔާތުގެ މާޔޫސްކަން އިޙްސާސް ވެއެވެ. އެހެންކަމުން ދިރި އުޅޭ މާހައުލު ވަގުތީގޮތުން ނަމަވެސް ބަދަލުކޮށްލަން ބޭނުންވެއެވެ. އެގޮތުން ކޮންމެވެސް އެހެން ތަނަކަށް ދަތުރު ކޮށްލުމުން މާހައުލު ބަދަލުވެ، ބައްދަލުވާ މީހުންނާއި ފެންނަ މަންޒަރުތައް ބަދަލުވެއެވެ. ނަތީޖާއެއްގެ ގޮތުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެން ދެއެވެ.
ރަނގަޅު ދިރިއުޅުމެއް ލިގެން ދިޔުން: ރިޒްޤުގެ ދަތިކަން ކުރިމަތިވާ މީހުން، އެމީހަކު ދިރިއުޅޭ ރަށް ދޫކޮށް ރިޒްޤު ހޯދުމުގެ ގޮތުން އެހެން ހިސާބުތަކަށް ދަތުރު ކުރުމަކީ އެދެވިގެންވާ ގޮތެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ )) ﴿١٥﴾ سورة الملك މާނަ: ((އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒްޤުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ ހަޟްރަތަށެވެ. )) ރިޒްޤު ހޯދުމަށްޓަކައި ދަތުރުފަތުރު ކުރާ ކިތައް ކިތައް މީހުންނަށް ﷲ ތަޢާލާ އެމަގު ތަނަވަސް ކޮށްދެއްވާހެއްޔެވެ!
- ޢިލްމު ޙާސިލުކުރުން: އަޅުގަނޑުމެންގެ ސަލަފުން ކަމުގައިވާ ނަބީބޭކަލުންނާއި ޞާލިޙުންނާއި އެބޭކަލުންނަށް ތަބާވީ މީހުން ޢިލްމު ލިބިގަތުމަށްޓަކައި ދިގުދަތުރުތައް ކުރައްވާ ކަމުގައި ވެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އައިސްފައިވާ އެންމެ ޙަދީސެއް އަޑު އަހާލުމަށްޓަކައި ބައެއް ބޭކަލުން ވަރަށް ދިގު ރާސްތާތައް ކަޑައްތު ކޮށްފައި ވެއެވެ. އެބޭކަލުންގެ ވާހަކަތައް ޢިލްމުވެރިންގެ ފޮތްތަކުގައި ވަރަށް ގިނައިން ޒިކުރު ކުރައްވާފައި އެބަހުއްޓެވެ.
- އަދަބުއަޚްލާޤު ލިބިގަތުން: ބުއްދިވެރި ދަތުރުވެރިޔާ، އަބަދުވެސް އޭނާގެ ދަތުރުގައި ރީތި އަދަބުތަކާއި އަޚްލާޤު ދަސްކުރުމަށްޓަކައި ޢިލްމުވެރިންނާއި، ބުއްދިވެރިންނާއި އަދީބުންނާއި ބައްދަލުކުރުމަށް އަވަސްވެ ގަނެއެވެ. އޭގެ ސަބަބުން އިންސާނާގެ އަޚްލާޤީ ޝަޚްސިއްޔަތު ފުރިހަމަވެ ވަރުގަދަވެގެން ދިޔުމަށް މަގުފަހިވެގެންދެއެވެ. އަދި ދަތުރުގައި ލިބިގެން ދިޔަ އަޚްލާޤީ ފައިދާތަކާއި ޢިބްރަތްތައް އެހެން ފަރާތްތަކަށް ފޯރުކޮށްދެވެއެވެ.
- ދަތުރުގައި މާތް ރަނގަޅު މީހުންނާއި އެކުގައިވުން: ގޯސް މީހުންނާއި އެކު ދަތުރުކުރުމުގެ ސަބަބުން، ބައެއް މީހުންގެ ހިތް ފަސާދަވެ ފިޠުރަތް ނުބައި ގޮތްގޮތަށް ބަދަލުވެގެން ދެއެވެ. ނަމަވެސް ރަނގަޅު މާތް މީހުންނާއިއެކު ދަރުކޮށް އެމީހުންނާއި އެކު އުޅެލުމުގެ ސަބަބުން، އެފަދަ މީހުންގެ ހެޔޮ ބަސްތައް އަޑު އެހުމުގެ ފުރުސަތު ލިބިގެން ދެއެވެ. އޭގެ ސަބަބުން ދިރިއުޅުން ރަނގަޅު އަސަރުތައް ކުރެއެވެ. ފަސާދަތަކާއި ނުބައިމަގުތަކުން އަމާންކަން ލިބުމަށް މަގުފަހި ވެއެވެ.
- ގާތްތިމާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރުން: މިއީ ﷲ ތަޢާލާއަށް ކުއްތަން ވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން ވަރަށް މާތް ކަމެކެވެ.
No comments:
Post a Comment