Sunday, July 26, 2015

އިޖްތިމާޢީ ފޭރާން

 
cloth

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަޅުގަނޑުމެންގެ މިޤައުމަކީ ކުދި ކުދި ރަށްތަކެއްގައިވާ ކުދިކުދި މުޖުތަމަޢު ތަކެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ މި ކުދިކުދި މުޖުތަމަޢުތަކުން ފެނިގެންދަނީ ވަރަށްވެސް ހިތާމަވެރި މަންޒަރެކެވެ. މިޤައުމުގެ އިޖްތިމާޢީ ފޭރާންވަނީ ވީދި ހަލާކުވެފައެވެ. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެކުވެރިކަން ދަނީ ފަނޑުވަމުންނެވެ. ދޭދޭ ފަރުދުންގެ މެދުގައި އިހު އޮތް ލޯތްބާއި އޯގާތެރިކަން މިހާރު ފެންނަނީ ވަރަށް މަދުންނެވެ. މުޖުތަމަޢު މިވަނީ ބައިބައިވެފައެވެ. މިތުރުން ހަތުރުންނަށްވެފައެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ﴾ [سورة الحجرات ١٢] 
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ. ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން، ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ އިލާހެވެ.”
މިއާޔަތުގައި ﷲ ތަޢާލާ ދުރުހެލިވާން އަންގަވާފައިވިމާ ކަންކަމަކީ އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢުގައި ޢާންމުވެފައިވާ ކަންކަންކަމީ ހިތާމަ ކުރަންޖެހޭކަމެކެވެ.
ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ.
ތެދުވެރިކަން ނަފީކުރާކަންކަމާއި ހީތަކަށް މަގުފައިވާ ކަންކަން މުލުން ލުހެ، އެއްލާލައިގެން ނޫނީ ދޭދޭ މީހުންގެ މެދުގައި އިތުބާރާއި ތެދުވެރިކަމުގެ މައްޗަށް ބިނާވެގެންވާ މުޖުތަމަޢެއް ނުއުފެދޭނެއެވެ. އެހެންކަމުން އުޚުއްވަތްތެރިކަން ވަރުގަދަ ކުރުމަށްޓަކައި ހީތަކުން ދުރުވުން ވަރަށް މުހިންމެވެ. ކަންކަމުގައި ނުވަތަ މީހުންނާމެދުގައި ތަފާތު ހީތައް ކުރެވުމަކީ އިންސާނާގެ ކިބައިގައިވާ ކަމަކަށްވީ ނަމަވެސް، މުސްލިމުންނަށް އަމުރުވެގެންވަނީ ގިނަ ހީތަކާއި ދުރުވުމަށެވެ. އެއީ މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދިދާނެކަމަށް ޓަކައެވެ. ރަސޫލުﷲ صلى الله عليه وسلم މިކަމަށް ބާރުއަޅުއްވާ ޙަދީޘްކުރައްވާފައިވެއެވެ.
((إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ))
މާނައީ: “(ކުށް) ހީތަކުން ރައްކާތެރިވާށެވެ. އެހެނީ ހަމަކަށަވަރުން (ކުށް) ހީ އަކީ އެންމެ ދޮގު ވާހަކައެވެ.”
އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ.
އެހެން މީހުންގެ އަމިއްލަ މިނިވަންކަމަށް އަރައިގަންނަ މީހުންނަށް ރަސޫލުﷲ صلى الله عليه وسلم ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އެއްފަހަރަކު ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنِ اطَّلَعَ فِي بَيْتِ قَوْمٍ بِغَيْرِ إِذْنِهِمْ، فَقَدْ حَلَّ لَهُمْ أَنْ يَفْقَئُوا عَيْنَهُ)) [صحيح مسلم]
މާނައީ: “ތިޔަބައިމީހުންގެ ހުއްދަނެތި ގޭތެރެއަށް މީހަކު ބެލުމުން އޭނާގެ ލޮލަށް އެއްޗެއް އެއްލުން ހުއްދަވެގެންވެއެވެ.”
އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ.
((…وَمَنِ اسْتَمَعَ إِلَى حَدِيثِ قَوْمٍ، وَهُمْ لَهُ كَارِهُونَ، أَوْ يَفِرُّونَ مِنْهُ، صُبَّ فِي أُذُنِهِ الآنُكُ يَوْمَ القِيَامَةِ…)). [رواه البخاري] 
މާނައީ: “ބަޔަކު ވާހަކަ ދައްކަނިކޮށް، އެބައިމީހުން އޭނާއަށް އިއްވަން ނޭދޭ ވާހަކައެއް ނުވަތަ އެބައިމީހުން އޭނާދެކެ ނުރުހޭ ޙާލު އެވާހަކަ އަޑުއަހަފިމީހާ (ދަންނައެވެ.) އާޚިރަތް ދުވަހުން އޭނާގެ ކަންފަތަށް ތިމަރައެޅޭނެއެވެ.”
އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ.
މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެތުރިފައިވާ ވަރަށް ނުރައްކާތެރި ކަމެކެވެ. ނަމަވެސް ތިބާގެ އަޚާގެ މުޅަމަސް ކާން އެދޭނީ ކާކު ހެއްޔެވެ. ބައެއް ފަހަރު މީހުންގެ ވާހަކަ ދެއްކެނީ އެބުނެވެނީ ޣީބަކަން ނޭނގިހުރެއެވެ. ޞަޙީޙް މުސްލިމްގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްއެއްގައި ޣީބައަކީ ކޮބާ ކަން ރަސޫލާ صلى الله عليه وسلم ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.
عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال: ((أَتَدْرُونَ مَا الْغِيبَةُ؟))
قالوا: اللهُ وَرَسُولُهُ أَعْلَمُ،
قال: ((ذِكْرُكَ أَخَاكَ بِمَا يَكْرَهُ))
قيل: أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ؟
قال : ((إِنْ كَانَ فِيهِ مَا تَقُولُ، فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ))
މާނައީ: ނަބިއްޔާ صلى الله عليه وسلمގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޣީބައަކީ ކޮބައިކަން ތިޔަބައި މީހުންނަށް އެނގޭހެއްޔެވެ؟”
އެބޭކަލުން ދެންނެވިއެވެ. “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އާއި އެއިލާހުގެ ރަސޫލާއެވެ.” 
ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަޚާގެ ވާހަކަ އޭނާނުރުހޭ ފަދައިން ދެއްކުމެވެ.”
އެކަލޭގެފާނަށް ދެންނެވުނެވެ. “އަހަރެމެން ދެއްކީ (ހަޤީޤަތުގައިވެސް) އެއަޚާގެ ކިބައިގައި ވާކަމެއްގެ ވާހަކަ ނަމަވެސްތޯއެވެ.”
ހަދީޘްކުރެއްވިއެވެ. “އޭނާގެ ކިބައިގައި ތިޔަބައިމީހުން ބުނާފަދަ ސިފައެއް ވާނަމަ އެވާނީ ޣީބައަށެވެ. އަދި ތިޔަބައިމީހުން ބުނާފަދަ ސިފައެއް އޭނާގެ ކިބައިގައި ނުވާނަމަ، ތިޔަބައިމީހުން އޭނާގެ މައްޗަށް ދޮގުހަދައިފިއެވެ.”
ނުރައްކާތެރި ދޮގުތައް ހިމެނޭ ޣީބައަކީ އިސްލާމީ ޝަރީޢަތުގައި އަދަބު ކަނޑައެޅުފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
﴿وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَـٰتِ ثُمَّ لَمْ يَأْتُوا۟ بِأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَمَـٰنِينَ جَلْدَةً وَلَا تَقْبَلُوا۟ لَهُمْ شَهَـٰدَةً أَبَدًا ۚوَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ﴾  [سورة النور٤]
މާނައީ: “ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފުކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ ފަހެ، އެބައިމީހުންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ. އަދި ދުވަހަކުވެސް އެބައިމީހުންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލުނުކުރާށެވެ އަދި އެބައިމީހުންނީ، ހަމަ ފާސިޤުންނެވެ.”
އަބޫ ހުރެއިރާ رضي الله عنه އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
((لَا تَحَاسَدُوا وَلَا تَنَاجَشُوا وَلَا تَبَاغَضُوا وَلَا تَدَابَرُوا وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ وَكُونُوا عِبَادَ اللَّهِ إِخْوَانًا الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يَخْذُلُهُ وَلَا يَحْقِرُهُ التَّقْوَى هَاهُنَا وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ بِحَسْبِ امْرِئٍ مِنْ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ دَمُهُ وَمَالُهُ وَعِرْضُهُ))  [رواه البخاري ]
މާނައީ: “ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި ތިޔަބައިމީހުން އެމުދާ ގަތުމުގެ މަޤްޞަދަކާނުލައި މުދަލުގެ އަގު މައްޗަށް އެރުވުމަށްޓަކައި އޭގެ އަގު މައްޗަށް ކިޔަމުން ނުދާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެތިނުވާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަން ފުރަގަސް ނުދޭށެވެ. އަދި ތިޔަބައިމީހުން އެކަކުގެ ވިޔަފާރީގެ މައްޗަށް އަނެކަކުގެ ވިޔަފާރި އިސްނުކުރާށެވެ. އަަދި ތިޔަބައިމީހުން ﷲގެ އަޅުންކަމުގައިވާޙާލު އަޚުންތަކެއް ކަމުގައިވާށެވެ. މުސްލިމަކީ އަނެއް މުސްލިމުގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާ ނުކުރާނެއެވެ. އަދި އޭނާ އޭނާގެ އަޚާއަށް އެހީތެރިކަން ބޭނުންވާ ވަގުތު އެހީނުވެ ނުހުންނާނެއެވެ. އަދި އޭނާ އޭނާގެ އަޚާ އަށް ނިކަމެތިކަމުގެ ލޮލުން ނުދެކޭނެތެވެ. ތަޤުވާވެރިކަންވަނީ މިތާގައޭ ވިދާޅުވެ އެކަލޭގެފާނުގެ އަމިއްލަ މޭފުޅަށް ތިންފަހަރު އިޝާރާތްކުރެއްވިއެވެ. ތިމާގެ އަނެއް މުސްލިމް އަޚާއަށް ނިކަމެތި ކަމުގެ ލޮލުން ބެލުނު މީހާ ނުބައިކަމެއްގެ ގޮތުގައި ފުދެއެވެ. އެއްމުސްލިމު އަނެއް މުސްލިމެއްގެ މައްޗަށް އޭނާގެ ލެއާއި އޭނާގެ މުދަލާއި އޭނާގެ އަބުރު ވަނީ ޙަރާމް ވެގެންނެވެ.”
އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ.
މުޢާޛު ބުން ޖަބަލު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((اتَّقِ اللهَ حَيثُمَا كُنْتَ…)) [رواه الترمذي وحسنه الألباني في مشكاة المصابيح]
މާނައީ: “ތިބާވީ ކޮންމެ ތަނެއްގައި ﷲއަށް ތަޤުވާވެރިވާށެވެ…”
އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
 (( قِيلَ: يَا رَسُولَ اللَّهِ مَنْ أَكْرَمُ النَّاسِ؟ قَالَ: أَتْقَاهُمْ …)) [متفق عليه]
މާނައީ: އެކަލޭގެފާނުގެ އަރިހުގައި ދެންނެވުނެވެ. އޭﷲގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން އެންމެ މާތް މީހަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެމީހުންގެ ތެރެއިން އެންމެ ތަޤުވާވެރިކަން ބޮޑު މީހާއެވެ…”
ހަމަކަށަވަރުން، ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ އިލާހެވެ.
ތިބާގެ ތައުބާ ﷲ ތަޢާލާ ޤަބޫލުނުކުރައްވަފާނެކަމަށް ހީނުކުރާށެވެ. އެއިލާހީ 100 މީހުން ޤަތުލުކުރި މީހާގެ ތައުބާ ޤަބޫލުކުރެއްވި އިލާހެވެ.
އިސްލާމްކަމުގެ އަހުލުވެރިންގެ މައިގަނޑު އަޞްލަކީ ޤުރުއާނާއި ސުންނަތަށް ރުޖޫޢަވެ، އޭގެން ޙުކުމްތަކާއި، ޙައްލުތަކާއި ފަރުވާތައް ހޯދުމެވެ. ފަހެ އަޅުގަނޑުމެން ޤުރުއާނަށް ރުޖޫޢަވުމުން ފެންނަ ﷲ عز وجلގެ ވަޙީބަސްފުޅަކީ:
﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ * وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ …﴾ (سورة الزمر ٥٣-٥٤)
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން މާޔޫސްނުވާށެވެ. ހަމަކަށަވަރުން ﷲއީ އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ. އަދި ތިޔަބައިމީހުންގެ ރައްބަށް ތައުބާވެ، އެއިލާހަށް ބޯލަނބާ ކިޔަމަންވާށެވެ…”
އަދި ރަސޫލުﷲ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘް ވެސް ފުދެއެވެ.
((التَّائِبُ مِنْ الذَّنْبِ كَمَنْ لَا ذَنْبَ لَهُ)) [رواه ابن ماجه، صحيح الجامع  ٣٠٠٨]
މާނައީ: “ފާފަތަކުން ތައުބާވާމީހާ ފާފައެއް ނުވާމީހެއްފަދައެވެ”.
ކީރިތި ޤުރުއާނުގައިވާ މިފަދަ މަތިވެރި ފިލާވަޅުތަކުން ޢިބުރަތް ލިބިގަންނަ ބައެއްކަމުގައި އަޅަމެން ލައްވާނދޭވެ! އަދި އަޅަމެންގެ މުޖުތަމަޢުގައި މިވާ ބައިބައިވުން ނެތިކުރައްވާ އެއްބައިވަންތަ ކުރައްވާނދޭވެ! އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އެމަގުން އެއްކިބާވުމުން ރައްކާތެރިކުރައްވާނދޭވެ! އަދި ހިދާޔަތު ދެއްކެވުމަށްފަހު މަގުފުރެދުމުންވެސްމެއެވެ !އާމީން!
___________________________________________________
މަޞްދަރު: މިއީ އިންޓަނޭޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕުކޮށްފައިވާ (ތަފްސީރު ސޫރަތުލް ޙުޖްރާތު- ބިލާލް ފިލިޕްސް) މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ

No comments:

Post a Comment